ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްވެސް ތަރައްޤީ ކުރަންވާނީ އެ ރަށަކަށް ލިބިފައވާ ޚާއްސަ ސިފަތައް ނުގެއްލޭނެހެން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ބ. ދަރަވަންދޫއަށް އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ބޭއްވި "މަގޭ ދަރަވަންދޫ އެވޯޑު 2025" ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދެއްކަވަމުން ވަޒީރު ވިދާޅުވީ ކޮންމެ ރަށަކީވެސް ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ރަށްތަކެއް ކަމަށެވެ.
އެގޮތުން ދަރަވަންދޫއަކީ ޤުދުރަތީ ގޮތުން ވަރަށް ގިނަ ސިފަތަކެއް ލިބިގެންވާ ރަށެއް ކަމަށާއި ރަށްތައް ތަރައްޤީ ކުރާއިރު އެ ރަށެއްގެ އަމިއްލަވަންތަ ކަމާއި، ތާރީޚާއި ޤުދުރަތީ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް މަޝްރޫއުތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި ތާރު އެޅުމާއި، އިތުރު ވަސީލަތްތައް ޤާއިމު ކުރާއިރު، ރަށުގެ ވެށި ޙިމާޔަތް ކުރުމަށް އިސްކަންދޭން ޖެހެއެވެ.
މީގެ އިތުރުން ވަޒީރުގެ ވާހަކަ ފުޅުގައި ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ، ކައުންސިލްތަކުގެ އެއްބާރުލުންވެސް ލިބިގެން ކަމަށް ވިދާޅުވިއެވެ.
"ލާމަރުކަޒީ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ، ކައުންސިލްތަކުގެ އެއްބާރުލުންވެސް ލިބިގެން. ރަށް ރަށަށް އުމްރާނީ ތަރައްޤީ، ނުވަތަ މުހިންމު މަޝްރޫޢުތައް ހިންގާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް މަޝްރޫއުތައް ހިންގުން މުހިންމު." ވަޒީރު ވިދާޅުވިއެވެ.
ރަށްތަކުގެ ކުރިއެރުމަށްޓަކައި ލާމަރުކަޒީ ނިޒާމަކީ ވަރަށް މުހިންމު ނިޒާމެއް ކަމަށާއި އެ ނިޒާމު ފުރިހަމައަށް ތަންފީޒު ކުރެވިގެންދާނީ ރަށުގެ ތަރައްޤީއަށް ކުރެވޭ ކަންކަމުގައި ކައުންސިލާއި ރައްޔިތުން ގުޅިގެން އެއްބާރުލުން ދީގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އާދަމް ޝަރީފު ޢުމަރު ޝަރަފުވެރިކޮށްދެއްވި ”މަގޭ ދަރަވަންދޫ އެވޯޑް 2025" ރަސްމިއްޔާތަކީ ބ. ދަރަވަންދޫގައި އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަރާތްތަކަށާއި، އެކި ރޮނގުތަކުން މަތީ ކާމިޔާބީތައް ހޯއްދަވާފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، އެވޯޑް ދިނުމަށް ދަރަވަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ރަސްމިއްޔާތެކެވެ.