Advertisement

ސްކޭމްތަކުގައި ޑިސެމްބަރު މަހު އެކަނިވެސް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ގެއްލުނު: ފުލުހުން

January 10, 2026 އަޙްމަދު ފައިރޫޒް Avatar

News Image

ސްކޭމްތަކާ ގުޅުންހުރި އެކި މައްސަލަތަކުގައި މިދިޔަ ޑިސެމްބަރު މަހު އެކަނިވެސް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ގެއްލުނު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

 

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރަށް ސްކޭމާ ގުޅުންހުރި 179 ހުށަހަޅާފައިވާއިރު، މީގެ ތެރެއިން ގެއްލުނު ފައިސާ ހޯދުނީ 89 މައްސަލައެއްގައެވެ. އަދި 45 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ރިކަވާ ކުރެވުނު ކަމަށް ފުލުހުންގެ އިދާރާ އިން ބުންޏެވެ.

 

ސްކޭމްގެ މައްސަލަތަކުގައި 1.9 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ގެއްލުނު އިރު މިދިޔަ މަހުގެ ތެރޭގައި 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ނޮވެމްބަރު މަހުގެ ތެރޭގައި ގެއްލިގެން ރިޕޯޓުކުރި ގިނަ އަދަދެއްގެ ފައިސާ ހިމެނެ ކަމަށް ފުލުހުން ބުނެއެވެ.

 

އެންޓި ސްކޭމް ސެންޓަރުގެ ރެކޯޑް ތަކުން ދައްކާ ގޮތުގައި ޑިސެމްބަރު މަހުގެ ތެރޭގައި އެންމެ ގިނައިން ސްކޭމް ހިންގީ އީކޮމާސް މެދުވެރިކޮށެވެ. އީކޮމާސް މެދުވެރިކޮށް ހިންގި 80 ސްކޭމްގެ މައްސަލައެއް އެ ސެންޓަރަށް ރިޕޯޓުކުރި އެވެ. އަދި އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދި 44 މައްސަލައެއް ހުށަހަޅާފައިވެއެވެ.

 

މީގެ އިތުރުން ފައިސާ މާރު ކުރުމުގެ ނަމުގައި ސްކޭމް ކުރި 31 މައްސަލައެއްގެ އިތުރުން ފިޝިން، ވިޝިން އަދި ވަޒީފާ އާއި ގުޅުންހުރި ސްކޭމްތަކުގެ 16 މައްސަލައަކާއި އެހެނިހެން 16 މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ.

 

ސްކޭމްތައް ހުއްޓުވުމަށާއި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ފުލުހުން މަރުކަޒީކޮށް، މިދިޔަ އަހަރުގެ މާޗު މަހު އެންޓި-ސްކޭމް ސެންޓަރު ގާއިމްކުރި ފަހުން އެފަދަ ކުށްތައް ކުރުން މަދު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެފަރާތުން ހާމަކުރި ގޮތުގައި އެންޓި-ސްކޭމް ސެންޓަރު އުފެއްދުމުގެ ކުރިން ރާއްޖޭގައި ސްކޭމްތައް ހިންގަމުން ދިޔައީ މިހާރަށް ވުރެ މާ ގިނައިންނެވެ. ރާއްޖޭގައި އެކުށް އިތުރުވާން ފެށީ ކޮވިޑް-19 ޕެންޑެމިކްގެ ތެރޭގަ އެވެ.

 

އެގޮތުން 2021 ވަނަ އަހަރުން ފެށިގެން އެންޓި-ސްކޭމް ސެންޓަރު އުފެއްދުމާ ހަމައަށް 6،000 އަށް ވުރެ ގިނަ ރައްޔިތުން ސްކޭމްތަކުގައި ޖެހި އޭގެ ތެރެއިން 110 މިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ގެއްލުނެވެ.

މިދިޔަ އަހަރުގެ މާޗު މަހު އެންޓި-ސްކޭމް ސެންޓަރު ގާއިމްކުރި ފަހުން ޑިސެމްބަރު މަހާ ހަމައަށް ސްކޭމްތަކުގެ ތެރެއިން ގެއްލުނު ފައިސާގެ 37 ޕަސެންޓު އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.