ޑެންމާކުގެ ބާރުގެ ދަށުގައި އޮންނަ، އަމިއްލަ އިދާރީ ހިންގުމެއް އޮންނަ ގްރީންލޭންޑަކީ އާކްޓިކް ސަރަހައްދުގެ ސަލާމަތަށް ނުހަނު މުހިންމު ތަނެއް ކަމަށް ވިދާޅުވެ، އެ ގައުމުން ބޭނުންވިޔަސް ނުވިޔަސް، އެތަން އެމެރިކާގެ ބާރުގެ ދަށަށް ގެންނާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ރަޝިޔާ ނުވަތަ ޗައިނާއިން ގްރީންލޭންޑް ހިފިޔަ ނުދިނުމަށްޓަކައި އެމެރިކާއިން އެ ސަރަހައްދުގެ ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އަދި ގްރީންލޭންޑް ވަށައިގެންވާ ކަނޑުގެ ސަރަހައްދު އެކަށީގެންވާ ގޮތެއްގައި ރައްކާތެރިކުރުމުގައި ޑެންމާކުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ. ނަމަވެސް އެ ސަރަހައްދުގެ ސިޔާސީ ބޭފުޅުން ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ތެޔޮ ކުންފުނިތަކުގެ އިސްވެރިންނާ ވައިޓް ހައުސްގައި ބައްދަލުކުރައްވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، "އެމީހުން ބޭނުންވިޔަސް ނުވިޔަސް ގްރީންލޭންޑާ މެދު އަހަރެމެން ފިޔަވަޅު އަޅާނަން. އެއީ އަހަރެމެން އެކަން ނުކޮށްފިނަމަ ރަޝިޔާ ނުވަތަ ޗައިނާއިން ގްރީންލޭންޑް ހިފާނެތީ. އަދި އަހަރެމެންގެ އަވަށްޓެރިންގެ ގޮތުގައި ރަޝިޔާ ނުވަތަ ޗައިނާ އޮންނާކަށް އަހަރެމެން ބޭނުމެއް ނޫން،" ކަމަށެވެ.
ދާދި ފަހުން އެމެރިކާއިން ވެނެޒުއޭލާއަށް ދިން ހަމަލާތަކާއި، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯއަށް ކުރިމަތިވި ހާދިސާތަކާ ގުޅިގެން، ގްރީންލޭންޑާ މެދު ޓްރަމްޕް ގެންގުޅުއްވާފާނެ ރޭވުންތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގައި ވަނީ ކަންބޮޑުވުން އިތުރުވެފައެވެ.
ގްރީންލޭންޑް ހިފާނެ ކަމުގެ އިންޒާރު އެމެރިކާއިން ތަކުރާރުކުރަމުންދާއިރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި އިސްކޮށް އުޅެންވާނީ ގްރީންލޭންޑްގެ ސަރުކާރުން ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ހުކުރު ދުވަހު ވިދާޅުވެފައިވެއެވެ. އަދި ޑެންމާކަށް ބަރޯސާވުމެއް ނެތި، އެހެން ގައުމުތަކާ މިނިވަންކަމާއެކު މުއާމަލާތްކޮށް މަޝްވަރާކުރުމުގެ ބާރު ގްރީންލޭންޑްގެ ސަރުކާރަށް އޮންނަންޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.