އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގެ ސެމީ ފައިނަލުގެ ޖާގައެއް މޮރޮކޯ އާއި ސެނެގާލް އިން ހޯދައިފި އެވެ.
މުބާރާތް ބާއްވާ މޮރޮކޯ އިން ސެމީ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ކުއާޓަރ ފައިނަލުގައި ކެމަރޫން 2-0 ގެ ނަތީޖާއަކުން ބަލި ކުރުމަށްފަހުގަ އެވެ.
މި މެޗުގައި މޮރޮކޯ އިން ފުރަތަމަ ލަޑު ޖަހާފައިވަނީ މެޗުގެ 26 ވަނަ މިނިޓުގައި ބްރާހިމް ޑިއާޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މޮރޮކޯ އިން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ 74 ވަނަ މިނިޓުގައި އިސްމާއިލް ސައިބާރީ ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އެންމެ ފަހުން އޮތް ވޯލްޑްކަޕްގެ ސެމީ ފައިނަލުގައިވެސް ކުޅެފައިވާ މޮރޮކޯއަށް ސަރަހައްދީ މުބާރާތެއް އެންމެ ފަހުން ކާމިޔާބު ކުރެވިފައިވަނީ 1976 ވަނަ އަހަރު އެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގައި މޮރޮކޯ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް ކަނޑައެޅިގެންދާނީ މިއަދު އަލްޖީރިއާ އާއި ނައިޖީރިއާ ބައްދަލުކުރާ މެޗަށްފަހުގަ އެވެ.
ކުއާޓަރ ފައިނަލުގައި އިއްޔެ ސެނެގާލް އާއި ދެކޮޅަށް މާލީ ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސެނެގާލް އިން ވަނީ މި މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ. މި މެޗުގައި ސެނެގާލް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 27 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިލިމަން އެންޑިއާއޭ އެވެ.