ދައުލަތުން އެކަނިވެރި މައިންނާއި ބަފައިންގެ އިނާޔަތް ދޭއިރު އެ ލިބެނީ ޙައްޤުވާ ފަރާތަށްތޯ ވަރަށް ގާތުން ބައްލަވާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
ރައީސްގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ "ތަރުޖަމާނާ އެކު" ޕޮޑޮކާސްޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އިޖުތިމާއީ އެހީތެރިކަމުގެ ނިޒާމަކީ މުޅި ދައުލަތް ހިމެނިގެންދާ ހުރިހާ އާއިލާއަކަށް އަމާޒުކުރެވިގެން ގެނެވިގެންދާ ބަދަލެއް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ އެންމެ މުހިއްމު ކަމަކީ އެގައުމެއްގައި ދިރި އުޅެމުން އަންނަ ނިކަމެތިންނާއި އަޅާލުންތެރިކަން ބޭނުންވެފައިވާ ނާޒުކު ހާލަތް ތަކުގައި ދިރިއުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ،
ނާޒުކު ހާލަތުގައި ދިރިއުޅެމުން އަންނަ މީހަކަށް އެހީތެރިކަމެއް ނުދެވިއްޖެ ނަމަ މުޖުތަމައަށް އޭގެ އަސަރު ކޮށް ކުދިން ތައުލީމުން މަހުރޫމު ވުމާއި އެކު ސިއްހީ ގޮތުން ކުރިމަތިވާ ގެއްލުންތައް ހިމެނޭކަން މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އިނާޔަތް ލިބޭ އާއިލާތަކާއެކު އެ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އެ މިނިސްޓްރީން މަސައްކަތްކުރެއެވެ.
އެގޮތުން އާއިލާތަކުގައި ވަޒީފާ ނެތް މީހަކު ހުރިނަމަ ވަޒީފާ ހޯދައިދިނުމާއި، އިދާރާތަކާ ގުޅުންހުރި ކަންކަމުގައި އެ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އައިޝަތު ޝިހާމް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި އެންމެ މުހިންމު އެއް ކަމަށް ފާހަގަ ކުރައްވަނީ އޯގާތެރި މުޖުތަމަޢެއް ބިނާ ކުރެއްވުމަށް ކަމަށާއި އެއީ ކޮންމެ އުމުރެއްގެ ކޮންމެ އާއިލާގެ މީހެއް ކަމަށްވެސް ޝަރަފުވެރި ކަމާއެކު މި މުޖުތަމޢުގެ ތެރޭގައި އުޅެވޭފަދަ ގޮތަކަށް ކަންކަން ބައްޓަން ކުރެއްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ނިކަމެތި މައިންނަށް ސަރުކާރުން ދޭ އެހީއެއްގެ ސަބަބުން އެ ފަރާތްތަކަށް ނިކަމެތި ހާލަތުން އަރައިގަނެވި ރަނގަޅު ގޮތުގައި ދަރިން ތަރުބިއްޔަތު ކުރެވޭނެއެވެ.
"މިހާރު ފަނަރަ އަހަރަށް މިދަނީ އެކަނިވެރި މައިންނާއި ބަފައިންނަށް އަޅުގަނޑު މެނަށް އެއްހާސް ރުފިޔާ ދެވޭތާ، އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ ދިރު އުޅުމުގެ ހާލަތު ވަރަށް ބޮޑަށް އުފުލިގެން ހިގައްޖެކަން ވެސް، ކުރިން ދެމުން އައި އެއްހާސް ރުފިޔާ އިން އެކަންކަން ނުގުއްދޭތީ ރައީސުލްޖުމްހޫރިއްޔާ އެ އަދަދު ތިންހާސް ރުފިޔާއަށް ބަދަލުކޮށްދެއްވީ" މިނިސްޓަރު ވިދާޅުވިއެވެ.
އެކަނިވެރި މައިންނާއި ބަފައިންނަށް މީގެކުރިން ލިބެމުން އައީ ކުއްޖަކަށް 1000ރ. އެވެ.ނަމަވެސް މި ސަރުކާރުން މިހާރު ވަނީ ކުއްޖަކަށް 3000ރ. ލިބޭގޮތަށް ބޮޑުކޮށްފައެވެ. އެގޮތުން ކުއްޖަކަށް 3000ރ. ލިބޭއިރު އެންމެ ގިނަވެގެން މަހަކު ލިބޭ އަދަދުގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000ރ. އެވެ.