Advertisement

މުޒާހަރާތައް މައިތިރި ނުކުރެވުމުން ޚާމަނާއީގެ ފާޑުކިޔުންތައް އަމާޒުވެއްޖެ

January 09, 2026 އަޙްމަދު ފައިރޫޒް Avatar

News Image

އީރާނުގެ އެކި ކަންކޮޅުތަކުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ކުރިއަށްދާއިރު، އެ ގައުމުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ "ޓެރަރިސްޓް އަމަލުތަކާ" ދެކޮޅަށް އެއްބައިވަންތަކަން އިސްކުރުމަށް ގޮވާލައްވާފައެވެ.

 

ހުކުރު ދުވަހު އީރާނުގެ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި ޚާމަނާއީ ވަނީ މި މުޒާހަރާތަކަކީ ބޭރުގެ ހަތުރުން، ހާއްސަކޮށް އެމެރިކާ އަޑީގައި އޮވެގެން ރާވާފައިވާ ރޭވުމެއް ކަމަށް ސިފަކުރައްވައި، މުޒާހަރާތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު ތަކުރާރުކުރައްވާފައެވެ.

 

މުޒާހަރާގެ ބައިވެރިންނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެދުމަށް މަސައްކަތްކުރާ ބައެއް ކަމަށް ތުހުމަތުކުރައްވަމުން ޚާމަނާއީ ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ދައުލަތުގެ މުދަލަށް ގެއްލުންދެމުންދާ ކަމަށެވެ. އަދި ބޭރުގެ ބާރުތަކުގެ "ކުލީ ސިފައިންގެ" ގޮތުގައި މަސައްކަތްކުރާ ބަޔަކަށް އީރާނުން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެ، އޭނާ ވަނީ ޓްރަމްޕަކީ އީރާނުގެ ރައްޔިތުންގެ ލެއިން އަތް ތަޣައްޔަރުވެފައިވާ ބޭފުޅެއް ކަމަށް ތުހުމަތުކުރައްވާފައެވެ.

 

މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ މި މުޒާހަރާތަކުގައި މިހާތަނަށް އެތައް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ ހަތަރު މީހަކު ވެސް ހިމެނެއެވެ. މަސްރަހު ކޮންޓްރޯލް ކުރުމަށް ތެހެރާނުގެ ސަރުކާރަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ.

 

އިގްތިސާދީ ދަތިތަކާ ގުޅިގެން ފެށުނު މި މުޒާހަރާތައް އެންމެ ފުރަތަމަ ފެށީ އީރާނުގެ ފައިސާ، ރިއާލްގެ އަގު ވަރަށް ބޮޑަށް ވެއްޓުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހުން ފާޅުކުރި ތެހެރާނުގެ ވިޔަފާރިވެރިންނެވެ.

 

މުޒާހަރާތައް ފެތުރުން ހުއްޓުވުމުގެ ގޮތުން ބުރާސްފަތި ދުވަހުން ފެށިގެން އީރާނުގެ ސަރުކާރުން ވަނީ އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައެވެ. ހުކުރު ދުވަހު ވެސް އިންޓަނެޓާއި ފޯނުގެ ހިދުމަތްތައް މެދުކެނޑިފައިވާއިރު، ގައުމަށް ވަދެ ނުކުމެ އުޅޭ ފްލައިޓްތައް ވެސް ވަނީ ކެންސަލްކޮށްފައެވެ.