Advertisement

ސަފާރީތަކުގައި ގަވައިދާ ޚިލާފަށް ބަނގުރާ ވިއްކާކަމުގެ ޝަކުވާ ބޮޑުވުމުން ގަވާއިދު އިސްލާހު ކުރަނީ

January 09, 2026 އަޙްމަދު ފައިރޫޒް Avatar

News Image

ލޯކަލް ޓޫރިޒަމްގެ ފިޔަފާރި ހިންގާ މީހުން ދިރިއުޅޭ ރަށްރަށާއި ގާތުގައި ސަފާރީ އުޅަނދުތައް ބާއްވައިގެން ގަވައިދާ ޚިލާފަށް ބަނގުރާ ވިއްކާ ކަމުގެ ޝަކުވާ ބޮޑުވުން އެކަން ހުއްޓުވުމަށް، ގަވާއިދުތައް އިސްލާހު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިހެން ވިދާޅުވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

 

ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިންގާ ރަށްރަށް ކައިރީގައި ސަފާރީތައް ބާއްވައިގެން ނުގަވާއިދުން ބަނގުރާ ވިއްކުމަށް ހިންގާ ނޭދެވޭ ކަންކަން ހުއްޓުވުމަށް އެދި އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ ގަވައިދު އިސްލާހު ކުރާނީ މީހުން ދިރިއުޅޭ ކޮންމެ ރަށަކާ މަދުވެގެން އެއް ކިލޯ މީޓަރު ދުރުގައި ނޫނީ ސަފާރީ ނުބޭއްވޭ ގޮތަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

 

މީގެ އިތުރުން ގަވައިދަށް ގެންނަ އިސްލާހުގެ ދަށުން، މީހުން ދިރިއުޅޭ ރަށްރަށުގައި އުޅޭ ޓޫރިސްޓުން ހެދުން އެޅުމުގެ އުސޫލުތަކާއި އުޅެން ޖެހޭނެ މިންގަނޑުތައް ހިމަނުއްވާނެ ކަމަށާއި އެ ބަދަލު ތަންފީޒުކޮށް ބެލެހެއްޓުމުގެ ޒިންމާ ހަވާލުކުރާނީ ކައުންސިލުތަކާއި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސް ވިދާޅުވި ގޮތުގައި ކައުންސިލުތައް އިންތިޚާބުކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ބުނާ ބުނުމަކީ ގޯހެކެވެ.  އެމަނިކުފާނު ވިދާޅުވީ ތިން ބާރު ވަކިވެފައިވާއިރު، ކައުންސިލުތަކަކީ، ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެކެވެ.

 

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްސަ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ޕީ.އެން.ސީގެ އިސް އޮފިޝަލުންނާއި ގިނަ ޢަދަދެއްގެ ޢާންމު މެންބަރުން ބައިވެރިވެވަޑައިގަތެވެ.