ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދޭ ސިޔާސީ ފިކުރަކަށް މި މުޖުތަމަޢުގައި ފުރުޞަތު ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) ގެ އޮފީސް ހުޅުވުމަށް ބޭއްވި ޚާއްސަ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދީނާ ޚިލާފު ކަންކަމަށް ހިތްވަރުދީ، އެކަންކަމަށް ގޮވާލާ ސިޔާސީ ފިކުރަކީ، މި ސައްތައިން ސައްތަ އިސްލާމީ މުޖުތަމަޢުގައި ފުރުޞަތު ދީގެންވާނޭ ކަމެއް ނޫންކަމަށެވެ.
ރައީސް ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ހުރިހާ އާދައެއްވެސް ހުންނަންވާނީ އިސްލާމީ ޤައުމެއްގައި ހުންނަންޖެހޭ ގޮތަށްކަމަށެވެ. އަދި އެ ޤައުމެއްގެ ކަންކަން އިސްލާޙުކުރެވޭނީ އެ ޤައުމެއްގެ ފަރުދުންގެ އެފަދަ ޚިޔާލާތެއް ހުރިއްޔާކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވިއެވެ.
ޖުވާކުޅުމަކީ ޖިނާޢީ ކުށެއްކަމުގައި ކަނޑައެޅުއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އިޞްލާޙުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން އިދިކޮޅު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެންމެ އިސްކަންދެނީ އިސްލާމް ދީނަށް ނަޞްރުދީ، އިސްލާމްދީނުގެ ހަމަތަކުގެ މަތީން ކަންކަން ބައްޓަން ކުރުމަށެވެ.
ސިޔާސީ އޮއިވަރުގައި ދިވެހީންގެ ޝަޚްޞިއްޔަތު ދޫކޮށްލުމަކީ ގޯހެއްކަމަށާއި، ސިޔާސީ މީހުން ސިޔާސީ މަޤްޞަދުގައި ދައްކާ ވާހަކައާ މެދު، އަޞްލަށް ރުޖޫޢަވެ، ތަޢައްޞަބުން އެއްކިބާވެ ހުރެ އަމިއްލަ ސިކުނޑިން ވިސްނައި، މިނެކިރައިފި މީހަކަށް، އެކަން ޤަބޫލުކުރެވޭނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.