Advertisement

ދިރާގާއި ވިމެން އިން ޓެކްގެ ގާލްސް ޓު ކޯޑް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

December 28, 2025 ޑިވެލޮޕަރ Avatar

News Image


މި އަހަރުގެ ގާލްސް ޓު ކޯޑް މާލެ އެޑިޝަން ޕްރޮގްރާމް 17 ބައިވެރިން ފުރިހަމަކޮށްފައިވާއިރު، މިހާތަނަށް މި ޕްރޮގްރާމް މެދުވެރިކޮށް ޖުމްލަ 108 ބައިވެރިން ވަނީ ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާފަ އެވެ.

ގާލްސް ޓު ކޯޑް މާލެ އެޑިޝަންގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު އެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު އާއި ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް ނަހްޒާ އިބްރާހިމް އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްގެ މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވަނީ ދުނިޔޭގައި މިހާރު އެންމެ ހަލުވިކަމާއެކު ތަރައްގީވަމުންދާ އަދި އެންމެ ބޮޑެތި އިންގިލާބީ ބަދަލުތައް ފެންނަމުންދާ ދާއިރާއަކީ ޓެކްނޮލޮޖީކަން ފާހަގަކުރައްވާފަ އެވެ.

އެހެންކަމުން ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށް އެކަމަށް އަހުލުވެރިވުމަކީ ކޮންމެ ރައްޔިތެއްގެ މައްޗަށް ލާޒިމުވެފައިވާ ކަމަށް ވިދާޅުވެ ހަމަހަމަ މުޖުތަމައެއް ބިނާކުރުމަށާއި އަންހެނުން ބާރުވެރިކުރުމަށް ދިރާގާއި ވިމެން އިން ޓެކް ގުޅިގެން ހިންގަމުންދާ "ގާލްސް ޓު ކޯޑް" ޕްރޮގްރާމް ފާހަގަކޮށް ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސްއަށް ޝުކުރު އަދާކުރެއްވި އެވެ.

ޕްރޮގްރާމް ނިންމާ ކުދިންނަށް ވަޒީފާގެ މައިދާނުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ މި ފީލްޑްތަކުން އިތުރަށް ކުރިއަށްދާން ބާރުއެޅުމަށް އަދި އިންޑަސްޓްރީއާ ބޮޑަށް ކައިރިކުރުމުގެ މަގުސަދުގައި މި އަހަރުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ އުމުރުފުރާ ވަނީ 16 އަހަރާއި 30 އަހަރަށް އިތުރުކޮށްފަ އެވެ.

މި ގޮތުން “ޓެކް އެންޑް ބިޔޯންޑް" ގެ ނަމުގައި، ކެރިއާ ގައިޑެންސް ހާއްސަ ވޯކްޝޮޕެއް ޕްރޮގްރާމްގެ މުހިންމު ބައެއް ގޮތުގަ މި އަހަރު ވަނީ ތައާރަފްކޮށްފަ އެވެ. އަދި، ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ރޯލް މޮޑެލްސް އާއި ބައްދަލުވެ، އެ ބޭފުޅުންގެ އަމަލީ ތަޖުރިބާ ކުދިންނާއި ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނެވެ.

ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި މި ޕްރޮގްރާމްގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާން އަންހެން ފަރާތްތަކަށް މި ދާއިރާއަށް ޝައުގުވެރިވެ، ޓެކްނޮލޮޖީގެ ދާއިރާގައި މަސައްކަތްކުރުމަށް ބޭނުންވާ އިތުބާރާއި ހިތްވަރު ލިބިގެންދާ ކަމަށެވެ.

"މި ފުރުސަތުގައި މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި ހުރިހާ ބައިވެރިންނަށް ތަހުނިޔާއާއި މުބާރަކުބާދީ އަރިސްކުރަން. މި ޕްރޮގްރާމްގެ ތެރެއިން ދަސްވި ހުނަރާއި މައުލޫމާތުގެ އެހީގައި، ބައިވެރިންގެ ތައުލީމީ އަދި މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކޮށް، އިތުރު ކާމިޔާބީތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރަން،'' އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސް، ނަހްޒާ އިބްރާހިމް ވަނީ ގާލްސް ޓު ކޯޑް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިރާގުން ވިމެން އިން ޓެކްއަށް ފޯރުކޮށް ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.